ބޮޑު ގުރުބާނީ އެއްވެގެން ކިޔެވިއަސް، މޮޅު އޮތީ ސިޔާސީ ވެރިންނަށް ސަނާ ކިޔާ ބަޔަކަށް

މިއަދު ވަޒީފާ ލިބެނީ ކިޔައިވައިގެން ނޫންކަމަށާއި ސިޔާސީ ކޮންމެވެސް ބޭފުޅެއްގެ ކައިރީގައި ހުރެ ސަނާ ކިޔުމުންނެވެ.

Jan 20, 2025 - 16:56
 0  9
ބޮޑު ގުރުބާނީ އެއްވެގެން ކިޔެވިއަސް، މޮޅު އޮތީ ސިޔާސީ ވެރިންނަށް ސަނާ ކިޔާ ބަޔަކަށް

ތައުލީމް އަކީ ދިރިއުޅުމުގެ މުހިންމު ކަމެއްކަމުގައި އެންމެންވެސް އަޑު ހަރުކޮށް ބުނެއެވެ.ތައުލީމާ ނުލައި ދިރިއުޅުމުގައި ކުރިއަށް ނުދެވޭނެކަމަށް އެންމެންވެސް ނަސޭހަތްތެރިވެއެވެ.

ގައުމުގައި ވެރިކަމަށް އަންނަ ކޮންމެ ބޭފުޅަކު ތައުލީމީ ދާއިރާއަށް ބޮޑެތި މަގުތަކެއް ފަހިކޮށްދޭން ވައުދުވެއެވެ. މޮޅެތިހާ ގައުމުތަކުން އެކި ނަންނަމުގައި ސްކޯލާޝިޕްތައް އިއުލާން ކުރެއެވެ.އެތައް ހާސް ކުދިންނަށް މަތީ ތައުލީމް ގެ ފުރުސަަތުތައް މަގުފަހި ކޮށްދެއެވެ. އެތައް ދަރިވަރުންނެއް ހަޔާތުގެ ބޮޑުބައެއް  ގުރުބާން ކޮށް ތައުލީމް އުނގެނެއެވެ.ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔަވައެވެ.ނަމަވެސް ސުވާލަކީ ކިތަންމެ ބޮޑު ސަނަދެއް އޮތްކަމުގައިވިއަސް މި ދިވެހި ރާއްޖޭގައި  މަސައްކަތުގެ މާހައުލުގައި  ކިޔަވާގެން ތިބި ކުދިންނަށް ފުރުސަތު  އެބައޮތް ތޯއެވެ.

އަދުގެ ހާލަތަކީ ކިޔަވައިގެން ކަމަށް ގާބިލް އެތައް ޒުވާނުންނެއް ތިއްބާ ފެނިގެން ދަނީ  ނުކިޔަވާ ތަނެއް ދޮރެއް ނުދަންނަ ބަޔަކަށް ގަައުމުގެ އިސް މަގާމްތަކާއި ވަޒީފާތައް  ބަހާލާ މަންޒަރެވެ. މިއަދު ވަޒީފާ ލިބެނީ ކިޔައިވައިގެން ނޫންކަމަށާއި ސިޔާސީ ކޮންމެވެސް ބޭފުޅެއްގެ ކައިރީގައި ހުރެ ސަނާ ކިޔުމުންނެވެ. މީ ވަކި ސަރުކާރެއް ނޫނެވެ.މީ ކޮންމެ ސަރުކާރެއް އޮތަސް ކަން އޮތްގޮތެވެ.ނަތީޖާއެއްގެ ގޮތުން ކިތަންމެ ބޮޑު ސަނަދެއް އޮތަސް ޖެހެނީ އަމިއްލަ މީހެއްގެ ކުންފުންޔެއްގައި ކުޑަ މުސާރައަކަށް އުޅޭށެވެ.އެތައް ހައްގެއް ގެއްލިގެން ދެއެވެ. އެތައް ހުރަސްތަކަކާއި ކުރިމަތި ލާންޖެހެވެ. 

ދެން މިކަހަލަ މޭރުމަކުން ވާހަކަ ދެއްކުމުން ބުނާނީ ކިޔަވައިގެން ތިއްބަކަސް މަސައްކަތުގެ ތަޖުރިބާ އެއް ނުހުރެއެވެ. ޒިންމާ ދާރެއް ނުވާނެއެވެ. މަސައްކަތައް ސީރިއަސް ނުވާނެއެވެ. ނޫނީ މާބޮޑު މުސާރައަކަށް ކިޔަނީއެވެ. ސިޔާސީ މަގާމްތަކުގައި ތިބި އެންމެނަކީ ތިހާ ޒިންމާދާރު ބައެއް ބާވައެވެ. އެބޭފުޅުން ޒިންމާ ދާރުކަމުން އޮފީސް ރަސްމީ ގަޑީގައިވެސް ތިބެނީ ކޮފީ މޭޒުތައް ދޮށުގައެވެ. ނޫނިއްޔާ ކޮންމެވެސް ކަރޯކޭއެއްގައެވެ. މީ ޒިންމާދާރު ބޭފުޅުންނެވެ.

ކޮންމެއަކަސް މީ މި ދިވެހިރާއްޖޭގެ ހާލަތެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނޭ ބުނެއެވެ.ނަމަވެސް މިހާރު މިވާ ގޮތަކީ ފޮތްއޮވެ އެދުރު ވުމަށް ފަހުގައިވެސް ވަޒީފާނެތި ގިނަ ޒުވާނުންވަނީ މަގުމައްޗެވެ. ވަކި ސަރުކާރެއް ނޫނެވެ. ބޮޑު ގުރުބާނީ އެއްވެގެން ކިޔެވިއަސް، މޮޅު އޮތީ ސިޔާސީ ވެރިންނަށް ސަނާ ކިޔާ ބަޔަކަށްށެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow